ހަތަރު މަޛްހަބުގެ އިމާމުން
އިމާމު އަބޫ ޙަނީފާ رحمه الله
ޙަނަފީ މަޛުހަބުގެ އިމާމަކީ އަލްއިމާމް އަބޫ ޙަނީފާ އެވެ.
ފުރިހަމަ ނަން ފުޅަކީ النعمان بن ثابت بن زوطى " އައްނުޢުމާން ބުނު ޘާބިތު ބުނު ޒޫތާ"
އެވެ.
އުފަންވެވަޑައިގަތީ ހިޖުރައިން 80
ވަނަ އަހަރު ޢިރާގުގެ ކޫފާ ގައެވެ. އެކަލޭގެފާނު ބޮޑުފުޅުވެ
ޙަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވީވެސް ކޫފާގައެވެ. އެ ރަށުގެ ޢިލްމުވެރިންގެ އަރިހުން
ޢިލްމު ޙާޞިލުކުރެއްވެވިއެވެ. ފިޤްހު ޢިލްމުގައި، أبو حنيفة رحمه الله އަށް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެކަލޭގެފާނު
އުސްތާޛު، حماد بن أبي سليمان رحمه الله ގެ ފަރާތްޕުޅުންނެވެ. حماد بن أبي سليمان رحمه الله ދުނިޔެ ދޫކުރައްވަންދެން،
އެކަލޭގެފާނާއެކު أبو حنيفة رحمه الله އުޅުއްވިއެވެ. މި ގޮތުން 18 އަހަރު
އެކަލޭގެފާނުގެ އަރިހުން ޢިލްމު ޙާޞިލުކުރައްވާފައިވެއެވެ. އެކަލޭގެފާނު
އުސްތާޛާއި އެކު އުޅުއްވި ދުވަސްވަރުވެސް ދޭތެރެ ދޭތެރެއިން ޙައްޖަށް
ވަޑައިގަންނަވައެވެ. މިގޮތަށް ކުރެއްވި ދަތުރުފުޅު ތަކުގައި މައްކާ އަދި
މަދީނާގައި ތިއްބެވި ޢިލްމުވެރިންނާ ބައްދަލުވެވަޑައިގަތެވެ. ތާބިޢީންގެ ތެރެއިން عطاء بن أبي رباح رحمه الله އާއި نافع مولى ابن عمر رضي الله عنهم އާ ބައްދަލުވެވަޑައިގަތެވެ.
އެކަލޭގެފާނު އުސްތާޛު، حماد بن أبي سليمان رحمه الله އަވަހާރިވުމަށްފަހު، ކޫފާގެ
މިސްކިތުގައި حماد بن أبي سليمان رحمه الله ގެ ގޮނޑިކޮޅުގައި އިށީދިވަޑައިގެން ޢިލްމު އުނގައްނަވާދެއްވަން
ފެއްޓެވިއެވެ.
أبو حنيفة رحمه الله އަވަހާރަވެ ވަޑައިގަތީ ހިޖުރައިން 150 ވަނަ އަހަރުގައެވެ. އަވަހާރަވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 70 އަހަރެވެ.
އަބޫހަނީފާ އަކީ ތާބިއީ ބޭކަލެއްކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
އެހެނީ އެކަލޭގެފާނަކީ ރަސޫލާصلى الله عليه وسلمގެ ޞަހާބީއެއްކަމަށްވާ އަނަސް ބުން
މާލިކްގެފާނާ ( رضي الله عنه)
ބައްދަލުވެވަޑައިގެންނެވި ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
(އަނަސް ބުން މާލިކްގެފާނަކީ ރަސޫލާ އަށް 10 އަހަރު ވަންދެން
ހިދުމަތްކުރެއްވި ޞަހާބީ އެކެވެ.)
ޢިލްމުވެރިން أبو حنيفة رحمه الله އަށް ވިދާޅުވެފައިވާ ޘަނާގެ
ބަސްފުޅުތައް:-
1.
سفيان الثوري رحمه الله ، އެކަލޭގެފާނުގެ އަރިހުގައި ތިމަންނަ މި އައީ أبو حنيفة رحمه الله ގެ އަރިހުންކަމަށް މީހަކު
ދެންނެވުމަށް އެ މީހާއަށް ވިދާޅުވިއެވެ." ތިބާ ތި އައީ ދުނިޔޭގެ ހުރި އެންމެ ބޮޑު ފިޤްހު ޢާލިމުގެ
އަރިހުންނެވެ"
2.
شافعي رحمه الله ވިދާލުވިއެވެ." ފިޤްހު ޢިލްމުގައި
އެންމެހައި މީސްތަކުންވަނީ އަބޫ ޙަނީފާއަށް ދަރަނިވެރި ވެފައެވެ.( ބަރޯސާ
ވެފައެވެ.)
أبو حنيفة رحمه الله ލިޔުއްވި ފޮތްތައް:
ފިޤްހު ޢިލްމުގައި އެކަލޭގެފާނުގެ ފުންނާބުފުޅުގެ އުސްކަމާއެކުވެސް، މި
ޢިލްމުގައި އެކަލޭގެފާނު ފޮތެއް ލިޔުއްވާފައިވާކަމަށް އައިސްފައި ނުވެއެވެ.
އެހެންނަމަވެސް އެކަލޭގެފާނު ޢަޤީދާގެ ފޮތްތަކެއް ލިޔުއްވާފައިވެއެވެ. އެގޮތުން
އެކަލޭގެފާނަށް ނިސްބަތްކުރެވިފައިވާ ފޮތްތަކުގެ ތެރޭގައި :-
1.الفقه الأكبر
2. رسالة العالم والمتعلم
3.الرد على القدرية. ފަދަ ފޮތްތައް ހިމެނެއެވެ.
މީގެ ތެރެއިން الفقه الأكبر އަކީ ފިޤްހު ޢިލްމުގެ ފޮތެއް ކަމަށް ބައެއް ޢިލްމުވެރިން
ވިދާޅުވެއެވެ. އެހެންނަމަވެސް ހަޤީޤަތަކީ الفقه الأكبر ގެ ނަމުން އައިސްފައިވާ ފޮތަކީ ޢަޤީދާގެ ފޮތެކެވެ.
އަބޫހަނީފާގެ އުސްތާޛުން
1.
ހައްމާދު ބުން އަބީ ސުލައިމާން رحمه الله
2.
އަތާޢު ބުން އަބީ ރަބާހު رحمه الله
3.
ނާފިޢު رحمه الله
ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
އަބޫހަނީފާގެ ދަރިވަރުން-
އަބޫ ޙަނީފާގެ އަރިހުން ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ޢިލްމު
ޙާޞިލުކުރެއްވުމަކީ ހައިރާން ވާންޖެހޭ
ކަމެއްނޫނެވެ. އެހެނީ އެކަލޭގެފާނު ޝަރުޢީ ޢިލްމުގައި ވާޞިލުވެފައިވާ ހަރުފަތަކީ
ދެމީހަކު ދެބަސްވާ ކަމެއް ނޫންކަމަށްވާތީއެވެ. އެކލޭގެފާނާ އެކު އެންމެ ބޮޑަށް
މުލާޒަމާ ކުރެއްވީ 36 ދަރިވަރުންކަމަށް އައިސްފައިވެއެވެ. މީގެ އެކަލޭގެފާނު
އަރިހުން ޢިލްމު ޙާޞިލުކުރުމަށް އައިސް ގޮސް އުޅުއްވި ގިނަ ޢަދަދެއްގެ
ދަރިވަރުންގެ އިތުރުން އެކަލޭގެފާނާ އެކީ ގިނަ ވަޤުތު އެކީ އުޅުއްވި އެކަލޭގެފާނު
އެންމެ އަރިސް ދަރިވަރުންނެވެ.
އެންމެ ފާހަނގަ ކޮށްލެވޭ 2 ދަރިވަރުންނަކީ، އަލްޤާޟީ އަބޫ ޔޫސުފް އާއި މުޙައްމަދު ބިން އަލް ޙަސަން އައްޝައިބާނީ އެވެ.
އަވާހަރަވުން:- أبو حنيفة رحمه الله އަވަހާރަވެ ވަޑައިގަތީ ހިޖުރައިން 150 ވަނަ އަހަރުގައެވެ. އަވަހާރަވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 70 އަހަރެވެ.
އިމާމް މާލިކު رحمه الله
މާލިކީ މަޛުހަބުގެ އިމާމަކީ އަލް އިމާމް މާލިކްގެފާނެވެ.
ފުރިހަމަ ނަންފުޅަކީ مالك بن أنس بن مالك بن أبي عامر الأصبحي "މާލިކު ބްނު އަނަސް ބްނު މާލިކު ބްނު އަބީ ޢާމިރު އަލް އަލްއަޞްބަޙީ" އެވެ. އެކަލޭގެފާނު
ކުންޔާއަކީ أبو عبد الله އެވެ. އެކަލޭގެފާނު
މަޝްހޫރުވެފައިވަނީ إمام دار الهجرة "ދާރުލް ހިޖްރައިގެ (މަދީނާގެ) އިމާމުގެ" ނަމުންނެވެ. އެކަލޭގެފާނު
ނިސްބަތްވެވަޑައިގަންނަވަނީ “ذي أصبح “ ކިޔާ ޤަބީލާއަކަށެވެ.
އެހެންކަމުން الأصبحي ކިޔުނެވެ. ބައެއް
ޢިލްމުވެރިން ދެކިލައވާ ގޮތުގައި އެކަލޭގަފާނު ނިސްބަތް ވަނީ " حمير" ކިޔާ ޤަބީލާއަކަށެވެ. އެހެންކަމުން الأصبحي ގެ ބަދަލުގައި އެފަދަ ބޭފުޅުން "الحميري " އޭ ވިދާޅުވެއެވެ.
ޙާއްޞަ ސަމާލުކަމެއް:- ހަތަރު މަޛްހަބުގެ ޢިލްމުވެރިންގެ
ތެރޭގައި ހިމެނިވަޑައިގަންނަވާ مالك ގެ ފާނާއި ބެހޭގޮތުން ވާހަކަދައްކާއިރު، މަތިވެރި ޞަޙާބީ، أنس بن
مالك رضي الله عنه އާއި އޮޅުވައިގެން ނުވާނެއެވެ. އެހެނީ أنس بن مالك އަކީ ޞަޙާބީ ބޭކަލެކެވެ. އެހެންނަމަވެސް މާލިކު ބްނު އަނަސް އަކީ 4
މަޛްހަބުގެ ތެރެއިން މާލިކީ މަޛްހަބު ނިސްބަތްވާ އިމާމެވެ. މި ދެ ބޭފުޅުންގެ
ދެމެދުގައި ޢާއިލީ އެއްވެސް ގުޅުމެއް ނުވެއެވެ.
އުފަންވެވަޑައިގަތުން:- مالك ގެ ފާނު
އުފަންވެވަޑައިގަތީ ހިޖުރައިން 93 ވަނަ އަހަރު މަދީނާގެ ތާހިރު
ބިމުގައެވއެކަލޭގެފާނަށް ތަރުބިއްޔަތުވެ ބޮޑުފުޅުވީ އެ ބިމުގައެވެ.ެ. ޤުރުއާން
ދަސްކުރައްވައި ޢިލްމު ހާޞިލުކުރެއްވެވީސް މަދީނާގައެވެ. އިމާމް މާލިކްގެފާނު
މަދީނާއިން ބޭރަށް ނުކުމެ ވަޑައިގަންނަވަނީ ހަމައެކަނި ހައްޖަށް އަދި އުމުރާ
ކުރެއްވުމަށެވެ.އެކަލޭގެފާނު ޢިލްމުވެރިކަން ކުޑަ އިރުއްސުރެ ފާޅުވަމުން ދިޔައެވެ.
ޢިލްމުގައި ފުންނާބު އުސްކަމުގެ އިތުރުން އެކަލޭގެފާނަކީ ތަވާޟުޢު ވެރި ޞާލިޙް
ބޭފުޅެކެވެ. އެކަލޭގެފާނުގެ މަޖްލިސްތަކުގައި އަދަބުވެރިކަމާއި ހަމަހިމޭންކަން
ވެރިވެފައިވެއެވެ.
ޢައްބާސީ ޚަލީފާ، هارون الرشيد، ޙަދީޘް ރިވާކުރެއްވުމަށް، އެކަލޭގެފާނު ވަޑައިގަތުމަށް އެދި
ސިޓީއެއފޮނުއްވުމުން ވިދާޅުވިއެވެ." ޢިލްމު ނާންނާނެއެވެ." ދެން ޙަލީފާ
އިމާމު މާލިކުގެ ގެއަށް ވަޑައިގަތުމުން ވިދާޅުވިއެވެ." އޭ އަމީރުލް
މުއުމިނީންނެވެ! ޢިލްމު މަތިވެރިކުރުން ހިމެނެނީ މާތް ނަބިއްޔާ މަތިވެރި ކުރުމުގެ
ތެރޭގައެވެ." އެއަށްފަހު އެކަލޭގެފާނަށް ޙަދީޘް ރިވާކޮށްދެއްވިއެވެ.
އެކަލޭގެފާނު ޙަދީޘް ރިވާކުރެއްވުމަށް ވަޑައިގަތުަމުގެ ކުރިން
ވުޟޫކުރައްވައެވެ. އެއަށްފަހު ރީތިކޮށް އިށީދެވަޑައިގެން ޙަދީޘް ރިވާކުރައްވައެވެ. މިކަމާއި ބެހޭގޮތުން ސުވާލު
ދެންނެވުމުން ވިދާޅުވިއެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ
ޙަދީޘްތަކަށް މާތްކޮށް ހިއްތެވުމަށް ތިމަންކަލޭގެފާނު ލޯބިފުޅުވެއެވެ."
އެކަލޭގެފާނަށް "ހެނދުނު ކުރީ ކިހިނެއްތޯ ސުވާލު ދެންނެވިއްޖެނަމަ،
ވިދާޅުވެއެވެ." ޢުމުރުން އުނިވެ( އަޖަލު ކައިރިވުމުގައެވެ) އަދި ފާފަތައް
އިތުރުވުމުގައެވެ"
مالك ގެފާނު ގެ އުސްތާޛުން
މަދީނާއަކީ ވަޙީ ބާވާލެއްވުނު ބިންކަމުން އަދި ޢިލްމުގެ އޮށްތައް ފެޅި ތަން
ކަމުގައިވުމުން އެތަނުގައި ތިއްބެވެި ޢިލްމުވެރި ބޭކަލުންގެ އަރިހުން ޢިލްމު
ޙާޞިލުކުރެއްވެވިއެވެ. އެކަލޭގެފާނު އެންމެ ފުރުތަމަ ޢިލްމު ޙާޞިލުކުރެއްވެވީ عبد
الرحمن بن هرمز ގެ
އަރިހުންނެވެ. 7 އަހަރު ހަމައެކަނި އެކަލޭގެފާނުގެ އަރިހުގައި ޢީލްމު
ޙާޞިލުކުރެއްވުމުގައި ދެމި ހުންނެވިއެވެ. ދެން އެހެނިހެން ޝައިޚުންގެ އަރިހުން
ޢިލްމު ޙާޞިލުކުރެއްވެވިއެވެ. އެކަލޭގެފާނު 900 ވަރަކަށް އުސްތާޛުންގެ އަރިހުން
ޢިލްމު ޙާޞިލުކުރެއްވިކަމަށް އައިސްފައިވެއެވެ. އެކަލޭގެފާނު
ވިދާޅުވެފައިވެއެވެ." 70 ޝައިޚުން ތިމަން ކަލޭގެފާނު ފަތުވާ ދިނުމަށް
ޤާބިލުކަމަށް ހެކިބަސް ދިނުމުގެ ކުރިން ފަތުވާ ނުދެއްވަމެވެ".
އެކަލޭގެފާނު އުސްތާޛުންގެ ތެރޭގައި:-
1.
عبد الرحمن بن هرمز رحمه الله
2.
ނާފިޢު رحمه الله
1.
އިބުނު ޝިހާބުއް ޒުހުރީ رحمه الله ފަދަ ބޭކަލުން
ހިމެނިވަޑައިގަންނަވައެވެ.
އިމާމް
މާލިކްގެފާނުގެ ދަރިވަރުން
1.
އަބުދުލްﷲ ބުނު ވަހަބު ބްނު މުސްލިމުލް ޤުރަޝީ
2.
އަބުދުލްރަހުމާން ބުނުލް ޤާސިމުލް މިޞްރީ
3.
އަޝްހަބު ބުނު އަބުދުލް އަޒީޒު ފަދަ ބޭކަލުން
ހިމެނިވަޑއިގަންނަވައެވެ.
އެކަލޭގެފާނު ލިޔުއްވި ފޮތްތައް:-
އެކަލޭގެފާނު ގިނަ ފޮތްތަކައެއް ލިޔުއްވާފައިވެއެވެ.
އޭގެތެރޭގައި
1.
الموطأ
2.
رسالة في
القدرية والرد على القدرية
3.
رسالة إلى
الليث بن سعد في إجماع أهل المدينة
4.
كتاب في
تفسير غريب القرآن
އަވަހާރަވުން:
އެކަލޭގެފާނު ދުނިޔެ ދޫކުރެއްވީ ހިޖްރައިން 179 އަހަރު މަދީނަތުލް
މުނައްވަރާގެ މާތް ބިމުގައެވެ. ފަސްދާނުލެވުނީ އެކަލޭގެފާނުގެ ޝައިޚް، ނާފިއު
ރަޙިމަހުﷲ އާއި އިންވެގެން ބަޤީޢުލް ޣަރްގަދު ގައެވެ.( ޖައްނަތުލް ބަޤީއުގެ ނަމުން
މަޝްހޫރުވެފައިވާ މަސްޖިދުއް ނަބަވީ ކައިރީ އޮންނަ ޤަބުރުސްތާނު).
މާލިކީ މަޛްހަބު ފެތުރިފައިވާ ޤައުމުތަކުގެ ތެރޭގައި މިޞްރު، އަންދުލަސް(
މިހާރުގެ ސްޕެއިން)[2] ތޫނިސް
ފަދަ ތަންތަން ހިމެނެއެވެ.
އަލް އިމާމު الشافعي ރަޙިމަހުﷲ
ނަސަބުފުޅު
އެކަލޭގެފާނުގެ ނަންފުޅަކީ محمد بن إدريس بن العباس بن عثمان بن شافع الهاشمي القرشي المطلبي ( މުޙައްމަދު
ބްނު އިދްރީސި ބްނު އަލް ޢައްބާސި ބްނު ޢުޘްމާނަ ބްނު ޝާފިޢި އަލްހާޝިމީ އަލް
ޤުރަޝީ އަލް މުއްޠަލިބީ)އެވެ.
އެކަލޭގެފާނުގެ كنية( ކުންޔާ) އަކީ އަބޫ
ޢަބްދުﷲ އެވެ. އެކަލޭގެފާނު ނިސްބަތްވަނީ شافع بن السائب އަށެވެ. އެހެންކަމުން އެކަލޭގެފާނުގެ އަޞްލު ނަމަށްވުރެ
ބޮޑަށް "އައް ޝާފިޢީގެ" ނަން ބޭނުންކުރެވި އެނަމުން މަޝްހޫރުވެގެން
ދިޔައެވެ.
ރަސޫލﷲ ޞައްލަﷲޢަލައިހި ވަސައްލަމުގެ ނަސަބުފުޅާއި، عبد مناف بن قصي އާ ހިސާބުން
ގުޅިވަޑައިގަންނަވައެވެ.
އުފަންވެ ބޮޑޮފުޅުވުން
އެކަލޭގެފާނު އުފަންވެވަޑައިގަތީ 150ހ ޣައްޒާ އަށެވެ. ޣައްޒާ އަކީ
އެކަލޭގެފާނުގެ ކާބަފައިން ދިރިއުޅުއްވަމުން ގެންދެވިތަނެއްނޫނެވެ. ނަމަވަސެއް
އެކަލޭގެފާނުގެ ބައްޕާފުޅު ބޭނުމަކަށް ޣައްޒާ އަށް ވަޑައިގެން އުލުއްވަނިކޮށް
އެތާނގައި އަވަހާރަވުމުން، އެކަލޭގެފާނުގެ މަންމާފުޅު ޣައްޒާގައި އުޅުއްވަނިކޮށް
އެކަލޭގެފާނު ދުނިޔެއަށް އުފަންވެ ވަޑައިގަތީ އެރަށުގައެވެ.
ނަމަވަސް އޭގެ 2 އަހަރު ފަހުން، އެކަލޭގެފާނުގެ ނަސަބު ގެއްލިގެން
ހިނގައިދާނެކަމުގެ ބިރައްޓަކައި މަންމާފުޅު އެކަލޭގެފާނާއެކު ކާބަފައިންގެ
ބިންކަމުގައިވާ މައްކާއަށޤ ވަޑައިގަތެވެ.
އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގަތީ ޔަތީމު ކުއްޖެއްގެ ޙާލުގައެވެ.
މަންމާފުޅު އެކަލޭގެފާނަށް ތަޢްލީމު އުގައްނަވައިދެއްވުމަށްޓަކައި، ޤުރުއާން އުނގައްނައިދޭ
މުޢައްލިމެއްގެ އަރިހަށް ގެންދެވިއެވެ. އެހެންނަމަވެސް ތަޢްލީމަށް ކޮންމެހެން
ބޭނުންވާ ޚަރަދުތައް ކުރެވޭ ވަރަށް ވުރެ އެކަލޭގެފާނުގެ މަންމާފުޅުގެ އަތްމަތި
ދަތިކަމުން، އުސްތާޛު އެކަލޭގެފާނަށް ދެއްވާ ސަމާލުކަން ކުޑަވިއެވެ.އެހެންނަމަވެސް
މުޢައްލިމު ކިޔަވައިދެއްވާފަ ވަޑައިގަތުމުން، ޝާފިޢީގެ ފާނު އެ ފިޅާވަޅު
ކުދިންނަށް އުނގަންނަވާ ދެއްވާތަން ފެނުމުން އެކަލޭގެ ފާނަށް ކިޔަވައިދެއްވުމަށް
ބޭނުންވާ ޚަރަދުތަައް މަޢާފުކޮށްދެއްވައި ޤުރްއާން ދަސްކޮށްދެއްވިއެވެ. ޢުމުރުން 7
އަހަރުގައި ޤުރްއާން ދަސްކުރެއްވެވިއެވެ.
އެއަށްފަހު ޝާފިޢިގެ ފާނު ބާދިޔާގެ ޤަބީލާއެއް ކަމުގައިވާ هذيل ޤަބީލާއަށް ވަޑައިގެން ޢަރަބި ބަހާއި ޅެން
ދަސްކުރެއެވެވިއެވެ.
އެއަށްފަހު މައްކާއަށް އެނބުރި ވަޑައިގެން، މުސްލިމު ބްނު ޚާލިދުއް
އައްޒިންޖީ( މައްކާގެ އޭރުގެ މުފްތީ) އަރިހުން ފިޤްހު ޢިލްމު
ޙާޞިލުކުރެއްވެވިއެވެ. އެކަލޭގެފާނުގެ ޢުމުރުން 15 އަހރުފުޅުގައި ފަތުވާދެއްވައި
އުޅުއްވުމުގެ ހުއްދަ، އުސްތާޛު އެކަލޭގެފާނަށް ދެއްވެވިއެވެ.
އެއަށްފަހުން މަދީނާއަށް ވަޑައިގެން الإمام مالك ރަޙިމަހުﷲ އަރިއަހުން
އެކަލޭގެ ފާނުގެ "މުވައްޠައު" ކިޔަވާވިދާޅުވިއެވެ.
ޢިލްމުވެރިން ޝާފިޢީގެފާނަށް ވިދާޅުވެފައިވާ ޘަނާގެ ބަސްފުޅުތައް
އެކަލޭގެފާނުގެ ފިޤްހުވެރިކަމާއި ޢިލްމުވެރިކަމުގެ ސަބަބުން ޢިލްމުވެރިންގެ
ދޫފުޅުމަތިން އެކަލޭގެފާނަށް މަދަހައިގެ ބަސްފުޅުތައް އަތުރާލެވިފައިވެއެވެ.
އިމާމު އަޙްމަދު رحمه الله ގެ ދަރިކަލުން, އެކަލޭގެފާނުގެ
ބައްޕާފުޅު، ޝާފިޢީ رحمه الله އަށް ޘަނާ ކިޔުއްވާލެއް ގިނަކަމުން އެކަމާ ސުއާލު ދެންނެވުމުން
ވިދާޅުވެފައިވަނީ" އޭ ދަރިފުޅާއެވެ!
މީސްތަކުންނަށް ޝާފިޢީ ގެ ފާނު ވަނީ އެބައިމީހުންގެ ހަށިގަނޑަށް ޢާފިޔަތުގެ
މުހިއްމުކަން ވާފަދއިންނެވެ. އަދި ދުނިޔެއަށް އިރުގެ މުހިއްމުކަން ވާފަދައިނެވެ.
ފަހެ، މި ދެކަމަށް އެހެން ބަދަލެއްވޭ ހެއްޔެވެ؟"
ހަމައެފަދައިން އަޙްމަދު ރަޙިމަހުﷲ ވިދާޅުވެފައިވަނީ ތިމަންކަލޭގެފާނަށް
ޙަދީޘްތައް މަންސޫޚު ކުރާ ނާސިޚް ހަދީޘްތަކަކީ ކޮބައިކަން އެނގެވަޑައިގަތީ
ޝާފިޢީގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވުމުންނެވެ.
ޔަހްޔާ ބްނު ސަޢީދުލް ޤައްޠާން ވިދާޅުވަނީ ޝާފިޢީގެ ފާނަށް ވުރެ
ވިސްނުންފުޅުތޫނު، ފިޤްހުވެރި ބޭކަލަކު ތިމަންކަލޭގެފާނު
ދެކެވަޑައިނުގަންނަވާކަމުގައެވެ. އަދި ކޮންމެ ނަމާދެއްގައި އެކަލޭގެފާނަށް
ޚާއްޞަކޮށް ދުޢާކުރައްވާކަމަށެވެ.
عبد الرحمن المهدي ވިދާޅުވެފައިވަނީ ، ތިމަންކަލޭގެފާނި الرسالة އަށް
ބައްލަވާލެއްވުމުން ހައިރާންފުޅުވިއެވެ. އެހެނީ އޭގައި ވަނީ ފަޞާޙާތްތެރި
ނަޞޭޙަތްތެރި ވިސްނުންފުޅުތޫނު ބޭފުޅެއް ބަސްތަކެއްކަން ދޭހަވެގެން ދިޔައެވެ. ފަހ،
ތިމަންކަލޭގެފާނު، ޝާފިޢީގެފާނަށް ގިނަގިނައިން ހެޔޮދުޢާ ކުރައްވަމެވެ.
އެކަލޭގެފާނުގެ އުސްތާޛުން
އެކަލޭގެފާނު މައްކާއާއި މަދިނާ އަދ ޔަމަނާއި ޢިރާޤުގެ ޢިލްމުވެރިންގެ
އަރިހުން ޢިލްމު ޙާޟިލްކުރެއްވެވިއެވެ.
އޭގެތެރޭގައި
މުސްލިމު ބްނު ޚާލިދު
ސުފްޔާނު އިބްނު ޢުޔައިނާ
سعيد بن سالم القداح
الإمام مالك
مطرف بن مازن
وكيع بن الجراح
رحمهم الله
އެކަލޭގެފާނުގެ ދަރިވަރުން.
އެކަލޭގެފާނަގެ ޢިލްމު ނަޤްލުކޮށްދެއްވި ގިނަގުނަ ދަރިވަރުންތަކެއް
ތިއްބެވިއެވެ. މިގޮތުން މައްކާއާއި ބަޣްދާދު އަދި މިޞްރުގައި އެކަލޭގެފާނުގެ
ދަރިވަރުން އުޅުއްވެވިއެވެ. މިގޮތުން އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި:-
1.أبو بكر عبد الله بن الزبير الأسدي المكي الحميدي
2.إبراهم بن خالد البغدادي
3.الربيع بن سليمان بن عبد الجبار المرادي
4.الإمام أحمد بن حنبل
رحمهم الله
އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި:-
އައް ރިސާލާ- އުޞޫލުލް ފިޤްހު އަދި މުޞްތަލަހުގެ ޢިލްމުގެ ފޮތެއް
އަލް އުއްމު- ފިޤްގު ފޮތެއް
އެކަލޭގެފާނު އަވަހާރަވުން
އެކަލޭގެފާނުގެ ޢުމުރުގެ ފަހުކޮޅު ވަރަށް ބޮޑަށް އާލާސްކަންފުޅާ
އުޅުއްވިއެވެ. ބަވާސީރު ކިޔާ ބައްޔެއް ޖެހި 4 އަހަރު ދުވަސް އެކަމުގައި
ހޭދަކުރެއްވުމަށް މި ދުނިޔެ ދޫކުރެއްވި30 رجب 204
هـ.އެކަލޭގެފާނު
ފަސްދާނުލެއްވުނީ އެކަލޭގެފާނު ޢުމުރުގެ ފަހުކޮޅުގައި އުޅުއްވި މިޞްރުގައެވެ.
الإمام އަޙްމަދު ބްނު ޙަންބަލް رحمه
الله
ޙަންބަލީ މަޛްހަބުގެ
މުއައްސިސަކީ الإمام އަޙްމަދު ބްނު
ޙަންބަލެވެ.
އެކަލޭގެފާނު ފުރިހަމަ ނަންފުޅަކީ
أحمد بن حنبل بن
هلال أبو عبدالله الشباني.
އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖްރައިން 164 ވަނަ އަހަރު
ބަޣްދާދުގައެވެ. އެކަލޭގެފާނު ބޮޑުފުޅުވެސް ވީ ބަޣްދާދުގައެވެ. އެ ތަނުގެ
ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވުމާއެކު އިސްލާމީ އެކި އެކި
ދައުލަތްތަކަށް ޢިލްމު ޙާޞިލުކުރުމަށްޓަކައި ދަތުރުކުރެއްވެވިއެވެ. އޭގެގތެރޭގައި
މައްކާ، މަދީނާ ޔަމަން ހިމެނެއެވެ. އެކަލޭގެފާނުގެ ދަތުރުކުރެއްވި ޤައުމުތަކުގެ
ޢިލްމުވެރިންގެ ފަރާތްޕުޅުން އެކަލޭގެފާނުގެ ޢިލްމީ ޙަޔާތަށް ވަރަށް ބޮޑަށް
އަސަރުކޮށްފައިވެއެވެ.
އެކަލޭގެފާނަކީ 4 އިމާމުންގެ ތެރެއިން އެންމެ ވަރުގަދަ އިމްތިޙާންތަކާއި
ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިމާމެވެ. މި ނުރައްކާތެރި، އަޤީދާގެ
މައްސަލައެއް ހިމެނޭ އިމްތިޙާނުގައި އެކަލޭގެފާނު ޘާބިތުވުމުގެ ނަތީޖާއެއްގެ
ގޮތުން އެކަލޭގެފާނަށް "إمام أهل السنة والجماعة" މި ލަޤަބު ލިބިފައިވެއެވެ.
އިމާމު އަޙްމަދުގެ ޢިލްމުވެރިކަމާއި އެކަލޭގެފާނަށް ޢިލްމުވެރިން ވިދާޅުވެފައިވާ
ޘަނާގެ ބަސްފުޅުތައް.
ޢިލްމުގައި އެކަލޭގެފާނު ކުރިއަރައި ވަޑައިގެން ދިޔަ މިންވަރަކީ އެކަލޭގެފާނު
ޒުވާން ދުވަސްވަރުގައިވެސް އެހެނިހެން ޢިލްމުވެރިން އެކަލޭގެފާނުގެ
ޢިލްމުވެރިކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ފެށުމެވެ. އަދި މީސްތަކުންގެ
މެދުގައި ޚާއްޞަކޮށް ޙަދީޘް ޢިލްމުގައި މަޝްހޫރުވެގެން ދިޔުމެވެ.
1.أحمد بن سعيد الرازي އިމާމު އަޙްމަދުގެ ޒުވާންދުވަސްވަރުގައި
އެކަލޭގެފާނާއި ބެހޭގޮތުން ވިދާޅުވިއެވެ." ބޮލުގެ އިސްތަށި ކަޅު
މީހުންގެތެރެއިން ( ޔަޢުނީ: ޒުވާނުންގެތެރެއިން) އިމާމު އަޙްމަދަށް ވުރެ ބޮޑަށް
ރަސޫލާ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްތައް ޙިފްޘުކޮށް އޭގެ
ފިޤްހު ދެނެލައްވާ ބޭކަލެއް ތިމަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ"
2.އިމާމު ޝާފިޢީ
ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޒަމާނުގެ އަޖާޢިބު ކަމުގައި 3
މީހަކުވެއެވެ." އޭގެތެރެއިން އެކެއް ކަމަށް އެކޅޭގެފާނު ބަޔާންކުރައްވަނީ
ކުޑަކުއްޖެކެވެ. އޭނާ އެއްޗެއް ބުނެފިނަމަ ބޮޑެތިމީހުން އެ ބުނި އެއްޗެއް ތެދު
ކުރެއެވެ. އެއީ އަޙްމަދު ބްނު ޙަންބަލް ކަމުގައި އިމާމު ޝާފިޢީ ވިދާޅުވިއެވެ.
3.އިމާމު ޝާފިޢީ
މިސްރަށް ދަތުރު ކުރައްވަމުން އެކަލޭގެފާނު ވިދާޅުވިއެވެ. "އަޙްމަދު ބްނު
ޙަންބަލް އަށް ވުރެ ވަރަޢުވެރި، ތަޤްވާވެރި، ފިޤްހުވެރި ބޭކަލަކު،
ތިމަންކަލޭގެފާނު، ބަޣްދާދު ދޫކުރެއްވި އިރު، އެތަނުގައި ނުވެއެވެ."
އިމާމު ޢަޙްމަދު
އުސްތާޛުން
ތަފާތު އެކި ބޭކަލުންގެ
އަރިހުން ޢިލްމު ޙާޞިލުކުރެއްވެވިއެވެ. އިބްނުލް ޖައުޒީ[4]
ވިދާޅުވެފައިވަނީ އިމާމު އަޙްމަދުގެ ޝައިޚުންގެ އަދަދު ސަތޭކައަށް އަރާނެކަމަށެވެ. އެކި ބޭފުޅުންގެ އަރިހުން އެކި
ވަރަށް ޢިލްމު ޙާޞިލުކުރެއްވެވިއެވެ. އަދި ހަމައެއާއެކު އެކި ޝައިޚުންގެ
އަސަރުވެސް ކޮށްފައިވަނީ އެކި މިންވަރަށެވެ. މިގޮތުން ޙަދީޘް ޢިލްމު
ޙާޞިލުކުރުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެކަލޭގެފާނުގެ
ޝައިޚްކަމުގައިވާ هيشم ين بشير الواسطي ފަރާތްޕުޅުންނެވެ.
އަދި ފިޤްހު ޢިލްމު
ޙާޞިލު ކުރެއްވުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އަލް އިމާމު الشافعي ގެ ފަރާތްޕުޅުންނެވެ.
އިމާމު أحمد ދަރިވަރުން
ގިނަ ދަރިވަރުންތަކެއް
އެކަލޭގެފާނު އަރިހުން ޢިލްމު ޙާޞިލުކުރައްވާފައިވެއެވެ. އޭގެތެރެއިން ބައެއް
ދަރިވަރުން ޙަދީޘް ޢިލްމު ޙާޞިލުކުރުއްވިއިރު، އަނެއް ބައި ދަރިވަރުން ފިޤްހު
ޢިލްމު ޙާޞިލުކުރައްވާފައިވެއެވެ. އޭގެތެރެއިން އެންމެ މަޝްހޫރު ބޭކަލުންނަކީ:-
1. ޞާލިޙް ބްނު އަޙްމަދު ބްނު ޙަންބަލް- އިމާމު أحمد ގެ އެންމެ ދޮށީ ދަރިކަލުން
2. أحمد بن محمد بن هانئ أبو بكر الأثرم
3. إبراهيم
بن إسحاق الحربي
އެކަލޭގެފާނު ދުނިޔެ ދޫކުރައްވާފައިވަނީ ހިޖްރައިން 241 ވަނަ
އަހަރުއެވެ. ޙަންބަލީ މަޛްހަބު ފެތުރެފައިވާ ޤައުމުތަކުގެ ތެރޭގައި ބަޣްދާދު،
މިޞްރު، ފަލަސްޠީން ފަދަ ތަންތަން
ހިމެނެއެވެ.
No comments:
Post a Comment